Jump to content

ކަށި ފީވުން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ކަށި ފީވުން (އިނގިރޭސި ބަހުން: Osteoporosis)އަކީ ކަށިތަކުގައި އެކުލެވޭ ކެލްސިއަމް އަދި މިނޫނަސް މައުދަންތައް މަދުވަމުންދާ ދިއުމުގެ ސަބަބުން ކަށިތައް ނިކަމެތިވެ، ބަލިކަށިވުމުންޖެހޭ ދާއިމީ ބައްޔެކެވެ. ކައްޓަކީ އޭގެ ޒާތުގައި އުފެދި ބޮޑުވަމުން އަންނަ ޓިޝޫ އެކެވެ. ކަށި އުފެދެނީ ކޮލަޖަން ކިޔާ ޕްރޮޓީން އަކާއި ކެލްސިއަމް ފޮސްފޭޓް އެއްވެގެންނެވެ. ކަށިތަކުގެ ބާރު ގަދަވެ ހަރުކޮށް ހުރުމުގެ ސިއްރަކީ ކެލްސިއަމް އެވެ. ހަށިގަނޑުގައި ހިމެނޭ 90 އިންސައްތަ ކެލްސިއަމް ހިމެނެނީ ދަތާއި ކަށިތަކުގައެވެ.

އަންހެނުންނަށް މައްސަރު ކަންތައް ހުއްޓުމުގެ ކުރިން އެމީހުންގެ ހަށިގަނޑުގައި ހުންނަ އެސްޓްރަޖަން އަދި ޕްރޯޖެސްޓަރޯން ކަށިތައް ބިނާކުރުމުގަޔާއި، ކަށިތައް ބޮޑުވުމަށް ބޭނުންވާ ކެލްސިއަމް، ފޮސްފަރަސް، އަދި އެހެނިހެން މައުދަންތައް، ކަށިތަކާއި ހަމައަށް ގެންގޮސް ދިނުމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ.

ކައްޓަކީ އޭގެ ޒާތުގައި ބިނާކުރުން(އިނގިރޭސި ބަހުން: Anabolism) އަދި ހަލާކު ކުރުން(އިނގިރޭސި ބަހުން: Catabolism) ގެ މަސައްކަތްތަކެއް އޭގެ ތެރޭގައި ހިންގާ ޓިޝޫއެކެވެ. މައްސަރު ކަންތައް ހުއްޓުމުގެ ކުރިން ކަށީގެ ތެރޭގައި ހަލާކު ކުރުމުގެ ބަޔަށްވުރެ ބޮޑަށް ބިނާކުރުމުގެ ބައި މަސައްކަތް ކުރެއެވެ. މާނައަކީ ދުވަސްވެފައިވާ ކަށިތައް ހަލާކުވެ ނެތިދާ މިންވަރަށްވުރެ ބޮޑަށް އާކަށިތައް އުފެދި ބޮޑުވުން އިތުރުވެއެވެ. ނަމަވެސް މައްސަރު ކަންތައް ހުއްޓި ހަށިގަނޑުގައި ކުރިން ބުނި ހޯރމޯންތައް ތަކުގެ މިންވަރު ދަށްވުމުން، ކަށީގެ ތެރޭގައި ހަލާކު ކުރުމުގެ ބައި ބިނާކުރުމުގެ ބަޔަށްވުރެ ބޮޑަށް އިތުރުވެގެން ދެއެވެ. ކަށި ފީވުމުގެ އަސްލަކީ މިއީއެވެ.

ކަށި ފީވުން ކުރިމަތިވުން

[އުނިއިތުރު ގެންނަވާ]

ކަށި ފީވުން އާންމުކޮށް ކުރިމަތިވަނީ އުމުރުން ދުވަސްވެފައި ތިބޭ އަންހެނުންނަށެވެ. ނަމަވެސް އުމުރުން 50އަށްވުރެ މައްޗަށް ދިއުމަށް ފަހު ބައެއް ފިރިހެނުންނަށް ވެސް ކަށި ފީވުން ކުރިމަތިވާ ގޮތް ވެއެވެ. އުމުރުން ދުވަސްވުމުން ކަށި ފީވުން މެދުވެރިވަނީ މިއުމުރުގައި ކަށިތަކުގެ ބާރުދެރަވެ، ނިކަމެތިވާތީއެވެ.

މިބަލީގެ އަސަރުކުރަން ފަށަނީ އުމުރުން ދުވަސްވެ ކަށިތައް ނިކަމެތިވާން ފެށުމުންނެވެ. މިބަލި ހުންނަނަމަ ކަށިތައް ބަލިކަށި ވުމުން ކަށިތައް ފިތޭގޮތްވެ، އިސްކޮޅުން ކުރުވެ، ގުދުލައެވެ. މިބަލީގެ އަސަރު ބޮޑަށް ހުންނަ މީހުންނަށް ކުއްލިއަކަށް ކަށިތަކުގައި ރެނދުލުން، އަދި ކިރިޔާ ވެއްޓޭ ކަހަލަ ގޮތެއް ދިމާވިޔަސް ފަސޭހައިން ކަށިތައް ބިނދޭގޮތްވެއެވެ. އުމުރުން ދުވަސްވަމުން ދާ ވަރަކަށް ކޮންމެ މީހެއްގެ ވެސް ކަށި ބަލިވެ، ކަށީގެ ބަރުދަން ލުއިވަމުންދާނެއެވެ. މިބަލީގައި ބޮޑުވަރުވާ މީހުންނަކީ ފިރިހެނުންނަށްވުރެ އަންހެނުންނެވެ.

ގިނައިން ވިހާފައި ތިބޭ މީހުންނަށް ކަށި ފީވުން ކުރިމަތިވާލެން އިތުރުވެފައި އަވަސް ވެސް މެއެވެ. މާބަނޑު ދުވަސްވަރާއި، ހައިޟުގެ ދުވަސްވަރު އަންހެނުންގެ ހަށިގަނޑު ގިނައަދަދަކަށް ކެލްސިއަމް، ފޮސްފަރަސް އަދި އެހެނިހެން މައުދަންތައް ގެއްލި އުނިކުރެއެވެ. މިގޮތަށް އުނިވެ ގެއްލިގެންދާ ބައި އަނބުރާ ހަށިގަނޑަށް ނުލިބިއްޖެނަމަ ކަށި ފީވުމުގެ މައްސަލަ ކުރިމަތިވުމަކީ ގާތް ކަމެކެވެ. ކާނާގައި ކެލްސިއަމް އަދި ވިޓަމިން ޑީ ގެ މިންވަރު ދަށްވުމަކީ ވެސް ކަށި ފީވުމަށް މަގު ފަހިކޮށްދޭނެ ކަންކަމެވެ.

ކަށިފީވުން ކުރިމަތިވާ ސަބަބު

[އުނިއިތުރު ގެންނަވާ]

ކަށި ފީވުން މެދުވެރިވާ އަސްލު ސަބަބެއް މާރަގަޅަކަށް ނޭގެއެވެ. މިބަލީގެ އަސަރު ފެންނަ މީހުންގެ ތެރޭގައި :-

  • އާއިލާގައި މިބަލި ވާރުތަކުރާގޮތް ހުރުން
  • ބަލިކަށިކޮށް ތިބޭމީހުން : ޅައިރު ކަށިއުފެދެމުންދާ ދުވަސްވަރު ބޭނުންވާ ކެލްސިއަމް ނުލިބިއްޖެނަމަ ކަށިތައް ބަލިކޮށް އުފެދި އަދި އުމުރުން ދުވަސްވުމުން މިބަލީގެ އަސަރު ފެނެއެވެ.
  • އުމުރުން ދުވަސްވުމުން: އުމުރުން ދުވަސްވެ ކަށިތައް ބަލިވާ އަތަށް އެޅުމުން މިބަލި ޖެހުން ގާތެވެ. ފިރިހެނުންނަށްވުރެ އަވަހަށް އަންހެނުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ. ސަބަބަކީ އިއްދައިން ކެނޑުން ކުރިމަތިވާތާ ފުރަތަމަ ކޮޅު ވަރަށް ހަލުވި މިނެއްގައި ކަށީގެ ބަރުދަން ލުއިވަމުންދާތީއެވެ.
  • ދުންފަތުގެ އިސްތިއުމާލުކުރުން
  • ހެލިފެލިވެ ނޫޅުން ނުވަތަ ހެލިފެލިއުޅުން މަދުވުން
  • ބައްޔެއްގެ ސަބަބުން ދިގުމުއްދަތަކަށް ބޭހެއް ކާންޖެހުން

ކަށި ފީވުމުން ފެނިދާނެ އަލާމާތައް

[އުނިއިތުރު ގެންނަވާ]

ކަށި ފީވުން ކުރިމަތިވި ނަމަވެސް ގިނަފަހަރު އޭގެ އަލާމާތްތައް ފެންނަލެން ލަހެވެ. މިބަލީގެ އަލާމާތްތައް ފާހަގަވަނީ ކަށިތައް ނިކަމެތިވެ، ވެއްޓި، އުކުޅު ކަށިތައް ބިނދުން، ނުވަތަ މައިބަދައިގެ ކަށިތައް ފިތުން ފަދަ ކަމެއް ކުރިމަތި ވެއްޖެނަމައެވެ. ކަށި ފީވުމުގެ ސަބަބުން ކުރިމަތިވާ އެންމެ އާންމު ކަމަކީ ކަށިތައް ނިކަމެތިވެ، ދެރަވެ ބިދޭގޮތް ވުމެވެ. އެންމެ އާންމުކޮށް ކަށި ފީވުން މެދުވެރިވަނީ މައިބަދަ، އަތުގެ ކުޑަ ހުޅު، އުކުޅުވަޅުގެ ކަށިތަކަށެވެ. ބުރަކަށީގައި ރިހުން، ގުދުލުން، ހިގަން އުދަގޫވުމަކީ ކަށި ފީވުމުން ކުރިމަތިވެދާނެ ކަންކަމެވެ.

  • ކުއްލިއަކަށް ނުވަތަ ފަސޭހައިން ކަށިތައް ބިއްދައިގެން ދާގޮތްވުން
  • އިސްކޮޅުންކުރުވެ ގުދުލުން
  • ބުރަކަށީގައި ރިހުން

ކަށި ފީވުން ހުރިކަން ދެނެގަތުން

[އުނިއިތުރު ގެންނަވާ]
  • ކަށި ފީވުން ޖެހިފައި ހުރިވަރު ދެނެގަނެ ޑޮކްޓަރެއްގެ ލަފާގެ މަތީން ފަރުވާ ފެށިދާނެއެވެ. ފަރުވާއިން ކުރިން ވެފައި ހުރި ގެއްލުމެއް ރަގަޅު ނުވިނަމަވެސް އިތުރަށް ބަލިފެތުރުން ހުއްޓުވިދާނެއެވެ.
  • ކަށި ފީވުން ޖެހިފައިވާކަން ޔަގީން ކުރުމަށްޓަކައި ކަށީގެ ބޯމިން ބަލަން ހަދަންޖެހޭ ޓެސްޓްތައް ހެދުން
  • ކަށީގެ ބަރުދަން ބަލާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ އެކްސްރޭ ތަކަކުން ނުވަތަ ކޮމްޕިއުޓެޑް ޓޯމޮގްރަފީ ކިޔާ ސްކޭން ތަކަކުންނެވެ.

ކަށި ފީވުން ކުރިމަތިވުމުން ދެވޭ ބައެއް ފަރުވާ ތިރީގައި މިވަނީއެވެ.

  • ޑޮކްޓަރެއްގެ ލަފާގެ މަތީން ވަކި ކަސްރަތުތަކެއް ގަވާއިދުން ކުރުން
  • ހަށިގަނޑަށް ކެލްސިއަމް އާއި ވިޓަމިން ޑީ އިތުރަށް ލިއްބައިދިނުމަށްޓަކައި މިމާއްދާތައް ހިމެނޭ ކާނާ ބޭނުންކުރުން
  • އިއްދައިން ކެނޑުމުން އަންހެނުންގެ ކަށިތުނިވުން އަވަސްވެ އިތުރުވެގެން ދެއެވެ. މިކަން ކުޑަކުރުމަށްޓަކައި ޑޮކްޓަރާއި ވާހަކަ ދައްކައިގެން ހޯރމޯން – ރިޕްލޭސްމެންޓް ތެރަޕީ ނެގުން

ޑޮކްޓަރަށް ދެއްކުން

[އުނިއިތުރު ގެންނަވާ]
  • އުމުރުން 35 އަހަރަށްވުރެ މައްޗަށް ދިއުމުން މިބަލި ދެނެގަނެ، ބަލި ބޮޑުނުވާނެ ގޮތްތައް ދަސްކުރުމަށްޓަކައި ޑޮކްޓަރާ މަޝްވަރާކުރުން
  • އިއްދައިން ކެނޑޭކަމުގެ އަލާމާތްތައް ފެންނަ އަންހެނުން ހޯރމޯން –ރިޕްލޭސްމެންޓް ތެރަޕީ އެއް ހޯދުމާބެހޭގޮތުން ޑޮކްޓަރާ ވާހަކަދެއްކުން
  • މިބަލީގެ އަލާމާތްތައް ކަމުގައިވާ އިސްކޮޅުން ކުރުވުން، ގުދުލުން، ނުވަތަ ބުރަކަށީގައި ރިއްސުން ފަދަ ކަމެއް ފާހަގަ ކުރެވޭނަމަ މިކަމާގުޅޭގޮތުން ޑޮކްޓަރަށް ދެއްކުން

ކަށި ފީވުމުން ރައްކާތެރިވުން

[އުނިއިތުރު ގެންނަވާ]

ކަށި ފީވުމުގެ މައްސަލައިން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރެވިދާނެއެވެ. ބޭސް ބޭނުންކުރުމާއި، ކެލްސިއަމް އާއި ވިޓަމިންޑީ އެކުލެވޭ ކާނާ ބޭނުންކުރެވިދާނެއެވެ. ކިރާއި ކިރު ބޭނުންކޮށްގެން ހަދާފައި ހުންނަ ބާވަތްތައް އަދި ދޮންކޭލަކީ ކެލްސިއަމް ވަރަށް މަތީ މިންވަރަކަށް އެކުލެވޭ ބާވަތްތަކެވެ. މީގެ އިތުރުން ކަސްރަތު ކުރުމަކީ ވެސް ވަރަށް ފައިދާހުރި ކަމެކެވެ. ކަށި ފީވުން އަކީ އާންމު ބައްޔެއް ނަމަވެސް ބަލިން ރައްކާތެރިވުމަށްޓަކައި އުމުރުގެ ކުރީކޮޅުން ފެށިގެން ވިސްނައިގެން ރަގަޅު ޞިއްޙީ އާދަތަކެއް ގެންގުޅެވިއްޖެނަމަ ވަރަށް ފަސޭހައިން ރައްކާތެރިވެވިދާނެ ބައްޔެކެވެ.

އަމިއްލައަށް ކުރެވިދާނެ ކަންތައްތައް

[އުނިއިތުރު ގެންނަވާ]

އާއިލީ ގޮތުން މިބަލި ވާރުތަވުން އެއީ ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ރަގަޅު ޞިއްޙީ އާދަތަކެއް ގެންގުޅެގެން ކަށި ފީވުން މެދުވެރިވާ ސަބަބުތައް ކޮންޓްރޯލް ކުރެވިދާނެ އެވެ. އޭގެ ތެރޭގައި : -

  • ކާނާގައި ކެލްސިއަމްގެ ބައި ފުދޭވަރަކަށް އެކުލެވުން : ޚާއްޞަކޮށް ޅައުމުރުގައި ކަށިތައް އުފެދެމުންދާ ދުވަސްވަރު ކެލްސިއަމް ލިބިދިނުން މުހިއްމެވެ. ބޭނުމަކީ ބަރުދަން ރަގަޅު ކަށި އުފެއްދުމެވެ.
  • ކަސްރަތުކުރުން: ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި ކަށިތަކަށް ހަރަކާތް ލިބިދިނުން ބޭނުންވާނެއެވެ.
  • ދުންފަތުގެ އިސްތިއުމާލު ކުރާމީހެއްނަމަ އެކަން ހުއްޓާލުން

ސަމާލުކަންދޭންވީ ކަންތައްތައް

[އުނިއިތުރު ގެންނަވާ]
  • ދިރިއުޅޭ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ބެހެއްޓުން : ސަބަބަކީ މިބަލީގެ މީހުން ވެއްޓި، ނުވަތަ ފައި ކައްސާލައިގެން ނަމަވެސް، ކަށިގަނޑު ބިނދުން ނުވަތަ ކަށިގަނޑު ރެނދުލުމުގެ ފުރުޞަތު ބޮޑުވާނެތީއެވެ. އެގޮތުން:-
    • ގޭތެރޭގަޔާއި، ފާޚާނާތަކުގެ އަލިކަން ރަގަޅަށް ބެހެއްޓުން
    • ސިޑިތަކުގައި އަތްގަނޑުލުމާއި، ސިޑިތައް ނުކައްސާނެގޮތަށް ބެހެއްޓުން
    • ބިންމަތި އޮމާންނަމަ ފައިފުހި ނުބެހެއްޓުން
    • ފާޚާނާ އާއި އެހެން ތަންތަނުގައިވެސް ހުންނަ ތަށިމުއްޓަކީ ނުކައްސާ ވައްތަރުގެ ތަށިމުއްޓަށްވުން

ބަލީގެ ނުރައްކާ

[އުނިއިތުރު ގެންނަވާ]

ކަށި ފީވުން މެދުވެރިވުމުން ފަރުވާ ނުކޮށްފިނަމަ ވަރަށް ނުރައްކާ ސީރިއަސް މައްސަލަތައް ނިކުންނަށް ފަށާނެއެވެ. އެގޮތުން އުގަނޑު އަދި މައިބަދައިގައި ބޮޑެތި ރެނދުލުން ހިމެނެއެވެ. އަދި މީގެ ސަބަބުން އުމުރުދުވަހަށް ނުކުޅެދޭ މީހަކަށް ވެސް ވެދާނެއެވެ.

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy